ޙައްޖާއި ޢުމްރާ


حج ވާނެގޮތް

مكةގެ އަހުލުވެރިންގެ ތެރެއިން حج ވުމަށް قصد ކުރާ މީހުންނާއި، އެހެންތަންތަނުން حج ވުމަށްޓަކައި مكة އަށްގޮސް عمرة ވުމަށްފަހު إحرام ދޫކޮށްލައި مكة ގައިތިބޭމީހުން، حجށް إحرام ބަނުން سنة ވެގެންވަނީ ذوالحجة މަހުގެ 8 ވަނަ ދުވަހުއެވެ.

حج އަށް إحرام ބަނުމުގައިވެސް، ހިނައިގަނެ، ގައިގައި ހުވަނދުލައި، عمرة އަށް إحرام ބަންއިރު ކަންކުރި ގޮތުގެމަތިން ހުރިހާ ކަމެއްކުރުން سنة ވެގެންވެއެވެ.

އެއަށްފަހު حج އަށް إحرام ބަންނާނީއެވެ. (އެބަހީ:حجގެ نيةގަންނާނީއެވެ.) ދުލުންކިޔާނީ: "لَبَّيْكَ حَجًّا" ނުވަތަ "اللَّهُمَّ لَبَّييْكَ حَجًّا" މިހެންނެވެ. ހިތުން ނިޔަތް ގަންނާނީ الله އަށްޓަކައި حج ވުމަށް ނިޔަތްގަތީމެވެ. މިފަދައިންނެވެ.

އެއަށްފަހު عمرة ގައި تلبية ކީފަދައިން تلبية ކިޔާނީއެވެ. އެއަށްފަހު ذوالحجة މަހުގެ 8 ވަނަ ދުވަހުގެ މެންދުރުކުރިން ނުވަތަ އެދުވަހުގެ މެންދުރުފަހުން منى އަށް ދާނީއެވެ. އަދި އެދުވަހުގެ މެންދުރުނަމާދާއި، عصرނަމާދާއި، އެރޭގެ مغرب ނަމާދާއި، عشاء ނަމާދާއި، ފަތިސްނަމާދު منىގައި ކުރުން سنة ވެގެންވެއެވެ. ކޮންމެ ނަމާދެއްވެސް ކުރާނީ އެނަމާދެއްގެ ވަގުތުގައި قصرކޮށެވެ. އެބަހީ: މެންދުރުނަމާދާއި، عصر ނަމާދާއި عشاء ނަމާދާއި، މިތިން ނަމާދުންކުރެ ކޮންމެ ނަމާދެއްވެސް ކުރާނީ قصر ކުރުމަށް نية ގަތުމާއެކު، 2 ركعة ނަމާދެއްގެ ގޮތުގައެވެ. مغرب ނަމާދާއި، ފަތިސް ނަމާދު قصر ކުރުމެއް ނޯންނާނެއެވެ.

حج މަހުގެ 9 ވަނަދުވަހަށް އިރުއެރުމުން منى ދޫކޮށް عرفات ގެ ބިމަށްދާނީއެވެ. އަދި އެދުވަހުގެ އިރުމެދުން ފިލައްޖައުމަށްދާނދެން نمرةގައި ތިބުން سنة ވެގެންވެއެވެ. އެއީ ދަތިކަމެއްނެތި އެތާ ތިބެވޭގޮތް ވެއްޖެނަމައެވެ.

އިރުމެދުން ފިލުމުން އެދުވަހުގެ މެންދުރު ނަމާދާއި عصر ނަމާދު قصرކޮށް، އަދި މެންދުރު ނަމާދުގެ ވަގުތުގައި އެދެނަމާދު އިސްކޮށް جمع ކުރާނީއެވެ. އެދެނަމާދަށް ދޭނީ އެއްބަންގިއެވެ. ކޮންމެ ނަމާދަކަށް ވަކި إقامة އެކެވެ. ދެނަމާދު ދޭތެރޭގައި سنة ނަމާދެއްވިޔަސް އެހެން ނަމާދެއްކުރުމެއް ނޯންނާނެއެވެ.

އިސްވެބުނެވުނު މަގުން މެންދުރު ނަމާދާއި عصر ނަމާދު قصرجمع ކުރުމަށްފަހު، ހުރިހާ حج ވެރިން عرفاتގެ ބިމުގައި ތިބޭނީއެވެ. މިއީ حجގެ އެންމެ މުހިއްމު ރުކުނެވެ. عرفاتގައި ތިބޭއިރު، رسول الله صلى الله عليه و سلم ހުންނެވިކަމަށް ރިވާކުރެވިފައިވާ، جبل الرحمة ގެ ކައިރީގައި ހުންނަ ބޮޑެތި ހިލަތަކުގެ ކައިރީގައި ދަތިކަމެއްނެތި ހުރެވޭގޮތް ވެއްޖެނަމަ ހުރުން سنة ވެގެންވެއެވެ. އަދި قبلة އަށް ކުރިމަތިލުން سنة ވެގެންވެއެވެ. عرفاتގައި ތިބޭއިރު، ކޮންމެ މީހަކުވެސް الله تعالى ذكرކޮށް، ފާފަ ފުއްސެވުމަށާއި رحمة ލެއްވުންއެދި دعاء ކުރުމުގައި ގިނަވަގުތު ހޭދަކުރަންވާނެއެވެ. دعاء ކުރާއިރު ދެއަތްއުފުލައި دعاء ކުރުން މޮޅުއިތުރެވެ. تلبية ކިޔުމާއި قرآن ކިޔެވުންވެސް ރަނގަޅެވެ. އަދި "لاإِلهَ إِلاَّ اللهُُ وَحْدَه لاَ شَرِيكَ لَهُ، لَهُ المُلْكُ وَلهُ الحَمْدُ، يُحْيِى وَ يُمِيتُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ" މިފަދައިން ގިނަގިނައިން ކިޔުން سنة ވެގެންވެއެވެ.

މިގޮތުގައި މީހާ ވަރުބަލިވެ ކަންނެތްވާގޮތް ވެއްޖެނަމަ ތިމާގެ އެކުވެރިންނާ ހެޔޮވާހަކަ ދައްކާލުން ހުއްދައެވެ. خاصކޮށް اللهގެ ދީލަތިވަންތަކަމުގެ ބޮޑުކަން ހަނދުމަވާފަދަ ވާހަކަތައް ލިޔެފައިހުންނަ ފޮތްފޮތް مطالعة ކޮށްލުން ހުއްދައެވެ. އެއީ اللهގެ ދީލަތިވަންތަކަމުން އިތުރަށް ދެއްވުމަށް އެދުމަށްޓަކައެވެ.

عرفات ގައި ހުންނަހުރުމުގައި ގިނަގިނައިން ذكرކޮށް دعاء ކުރުމާއި، رسول الله صلى الله عليه وسلم ގެ މައްޗަށް صلوات ލެއްވުންއެދި ގިނަގިނައިން دعاءކުރުން سنة ވެގެންވެއެވެ.

މިބަޔާންކުރެވުނު ގޮތުގެމަތިން، حج މަހުގެ 9 ވަނަދުވަހުގެ އިރުއޮއްސިއްޖައުމަށް ދާނދެން دعاء ކުރުމާއި توبة ވުމާއި قرآن ކިޔެވުންމަތީ ދެމިހުންނާނީއެވެ. އިރުއޮއްސުމުން، މަޑުމައިތިރިކަމާއެކު، مزدلفة އަށް ދިޔުމަށްޓަކައި ހިނގައިގަންނާނީއެވެ. مزدلفة އަށް ދާދިޔުމުގައި ގިނަގިނައިން تلبية ކިޔުން އެދެވިގެންވެއެވެ.

مزدلفة އަށް ގޮސް، مغرب ނަމާދާއި عشاء ނަމާދު، އެއްބަންގިއާއި ދެ إقامة އާއި އެކު جمعކޮށް ކުރާނީއެވެ. مزدلفة އަށްފޯރީ مغرب ނަމާދުގެ ވަގުތުގައި ކަމަށްވަނީނަމަ، އިސްކޮށް جمعކޮށެވެ. މިއިންކޮންމެ ގޮތެއްގައިވެސް عشاء ނަމާދު ކުރާނީ قصرކޮށެވެ. ދެނަމާދު ދެމެދުގައި ސުންނަތް ނަމާދެއްވިޔަސް އެހެންނަމާދެއް ކުރުމެއް ނޯންނާނެއެވެ.

حج ވެރިން މިރޭހޭދަކުރާނީ مزدلفة ގައެވެ. އެރޭ މޮޅުއިތުރީ، مغرب ނަމާދާއި عشاء ނަމާދުކުރުމަށްފަހު ނިދުމެވެ. ނުވަތަ މަޑުމައިތިރިކަމާއެކު އަރާމުކޮށްލުމަށް އޮށޯވެއޮތުމެވެ. އެރޭ ރޭއަޅުކަން ކުރުމެއް ނޯންނާނެއެވެ. ތެދުވާނީ ފަތިސް ނަމާދަށެވެ.

އަންހެނުންނާއި، ކުޑަކުދިންނާއި، ބަލިމީހުންނާއި، އެނޫނަސް އެރޭގިނައިރު مزدلفة ގައި ތިބުން ދަތިމީހުން، އެރޭގެ މެންދަމުން އަލިވުމުން منى އަށް ދިޔުމަށްޓަކައި ހިނގައިގަތުން ނުވަތަ ދަތުރުކުރުން ހުއްދައެވެ. އެނޫން حج ވެރިން مزدلفة ގައި ފަތިސް ނަމާދުކުރުމަށްޓަކައި، އެތާނގައިތިބުން سنة ކަން ބޮޑެވެ. ފަތިސް ނަމާދަށްފަހު، المشعر الحرام ގެކައިރިއަށްގޮސް، قبلة އަށް ކުރިމަތިލައި، تكبير ކިޔުމާއި ذكرކުރުމާއި دعاءކުރުން سنة ވެގެންވެއެވެ. އިރުއަރަން ދޮންވެއްޖައުމަށްދާނދެން އެތާނގައި دعاء ކުރަން ތިބޭނީއެވެ. އިރުއަރަން ދޮންވުމުން، منى އަށްދިޔުމަށްޓަކައި ހިނގައިގަންނާނީއެވެ. ނުވަތަ ދަތުރުކޮށްފައި ދާނީއެވެ. މިދާދިޔުމުގައިވެސް ގިނަގިނައިން تلبية ކިޔުން سنة ވެގެންވެއެވެ. منىއަށް ދާ މަގުމަތީގައި بطن محسر ކިޔުނު ހިސާބާ އަރާހަމަވުމުން ތަންކޮޅެއް ހަލުވިކޮށް ހިނގުން ސުންނަތްވެގެންވެއެވެ.

منى އަށް ފޯރުމުން. جمرة العقبة އަށް ހިލައުކުމަށް އަވަސްވެގަންނާނީއެވެ. جمرةގެ ކައިރިއަށްގޮސް، تلبية ކިޔުން ހުއްޓާލައި، އެ جمرةއަށް ހިލައުކާނީއެވެ. ވިދިވިދިގެން ހަތްހިލަކޮޅު އެއްލުމުން މިކަން حاصل ވީއެވެ. ކޮންމެ ހިލަކޮޅެއް އެއްލާއިރުވެސް އަތް އުފުލައި الله أكبرކިޔުން ރަނގަޅެވެ.

جمرة العقبة އަށް ހިލަ އުކުމަށްފަހު هدى ކަތިލާނީއެވެ. هدى ކަތިލާއިރު "بسم اللهِ وَاللهُ أَكبَرُ،اللهُمَّ هَذَا مِنْكَ وَلَكَ" މިހެންކިޔުން سنة ވެގެންވެއެވެ.

هدى ކަތިލުމަށްފަހު ބޯބާލާނީއެވެ. ނުވަތަ ބޯކުރުކުރާނީއެވެ. ފިރިހެނުން ބޯކުރުކުރުމަށްވުރެ އިތުރުކަންބޮޑީ ބޯބޭލުމެވެ. ނަމަވެސް، އަންހެނާ ބޯބޭލުމެއް ނޯންނާނެއެވެ. ބޮލުގެ އިސްތަށިގަނޑުން އަނގުލެއްގެ މިންވަރު ކަނޑާލުމުން ފުދޭނެއެވެ.

جمرة العقبة އަށް ހިލައުކައި، ބޯބޭލުމުން ނުވަތަ ބޯކުރުކުރުމުން، ފުރަތަމަ تحلل ވީއެވެ. އެބަހީ: إحرام ބަނުމުން حرام ވިކަންތައްތަކުގެ ތެރެއިން އަނބިމީހާއާއެކު ރޭކުރުން ފިޔަވައި އެހެން ހުރިހާކަމެއް ހުއްދަވީއެވެ.

ފުރަތަމަ تحلل ވުމަށްފަހު مكة އަށްގޮސް، طواف الإفاضة ކުރާނީއެވެ.

طواف ގެ ދެ ركعة ކުރުމަށްފަހު، صفا އާއި مروة އާ ދެމެދު سعى ކުރާނީއެވެ. އެއީ تمتع ގެމަގުން حج ވާނަމައެވެ. މިއީ حجގެ سعىއެވެ. ކުރިންކުރީ عمرةގެ سعىއެވެ. قِرانގެ މަގުން حج ވާމީހާ އެމީހާގެحج އަށާއި، عمرة އަށް އެއް سعى އިން ފުދޭނެއެވެ. إفراد ގެމަގުން حج ވާމީހާއާއި، ِقران ގެމަގުން حج ވާމީހާއާއި މިދެމީހުން طواف القدوم ކުރުމާއެކު سعى ކޮށްފައިވާނަމަ، طواف الإفاضة ގެ ފަހުން سعى ކުރާކަށް ނުޖެހޭނެއެވެ.

طواف الإفاضة ކޮށް سعىކޮށް ނިމުމަށްފަހު حج ވެރިޔާ އެނބުރިދާހުށީ މިނާއަށޭވެ. أيام التشريقގެ ތިންދުވަހާއި ތިންރޭ ހޭދަކުރާނީ منىގައެވެ.

ذوالحجة މަހުގެ 13،12،11 މިތިންދުވަހުންކުރެ ކޮންމެދުވަހަކު ތިން جمرةއަށް ހިލައުކުމަކީ، حجގެ واجب ތަކުގެތެރެއިންވާ ކަމެކެވެ. ކޮންމެދުވަހަކުވެސް އެންމެފުރަތަމަ އުކާނީ، مسجد الخيفގެ ކައިރީގައިވާ جمرةއަށެވެ. ދެން الجمرة الوسطى އަށެވެ. ދެން جمرة العقبة އަށެވެ. ކޮންމެދުވަހަކު ކޮންމެجمرة އަކަށްވެސް އުކާނީ، عيد ވިލޭރޭ ނުވަތަ عيد ދުވަހު جمرة العقبةއަށް އުކިފަދަ ހަތް ހިލަކޮޅެވެ. أيام التشريقގެ ތިންދުވަހު جمرةއަށް ހިލައުކުމުގެ ވަގުތަކީ، ކޮންމެދުވަހެއްގެވެސް އިރުމެދުން ފިލީއްސުރެ އެދުވަހެއްގެ އިރުއޮއްސިއްޖައުމަށް ދާނދެނެވެ. عذرއަކާހުރެ އެދުވަހެއްގެ އިރުއޮއްސުމުގެކުރިން އެދުވަހެއްގެ ހިލަނުއުކިއްޖެނަމަ، أيام التشريقގެ ތިންދުވަހުގެ ނިޔަލަށް އެހިލައުކުމުގެ ވަގުތު ދެމިއޮންނާނެއެވެ. جمرةއަށް ހިލައުކާއިރު، ކަނާތުން އުކުމާއި، قبلة އަށް ކުރިމަތިލުމާއި، ކޮންމެ جمرة އަކަށް ހިލައުކާއިރުވެސް، ވިދިވިދިގެން ހަތްހިލަކޮޅު އެއްލުން سنة ވެގެންވެއެވެ.

أيام التشريقގެ ތިންރޭ منىގައި ރޭކުރުމަކީ حجގެ ވާޖިބުތަކުގެތެރެއިންވާކަމެކެވެ. ނަމަވެސް، މިނާގައި ދެރޭ ރޭކޮށްފައި، أيام التشريقގެ ދެވަނަދުވަހު مكةއަށް ދިއުމަށް قصدކޮށްފިމީހާ އެގޮތަށް عملކުރުން އެންމެރަނގަޅެވެ. އެހެންހަދައިފިނަމަ منىގައި ތިންވަނަރޭގެ ރޭކުރުން އެމީހެއްގެ ކިބައިން عفوވީއެވެ.

منىގައި أيام التشريقގެ ފުރަތަމަ ދެދުވަހު ހުރެފައި، ތިންވަނަދުވަހު ނުހުރެ مكةއަށްދާ މީހަކުނަމަ، أيام التشريقގެ ދެވަނަދުވަހު، يعنى، ذو الحجة މަހުގެ 12 ވަނަ ދުވަހު އިރުއޮއްސުމުގެކުރިން منىއިން ނުނިކުމެވިއްޖެނަމަ، ތިންވަނަރޭވެސް އެތާގައިރޭކޮށް ތިންވަނަދުވަހުގެ ހިލައުކުން واجب ވާނެއެވެ.

حجއާއި عمرةގެ ހުރިހާކަމެއްކޮށްނިމުމަށްފަހު، حجވެރިޔާ مكةދޫކޮށް އެމީހާގެރަށަށް އެނބުރިދިއުމަށް قصدކުރުމާއެކު، مكة ދޫކުރުމުގެ ކުރިން طواف الوداع ކުރަންވާނެއެވެ. މިطوافއަކީ حجގެ واجب ތަކުގެތެރެއިންވާކަމެކެވެ. އެހެންކަމުން، عذرއަކާނުލައި طواف الوداع ދޫކޮށްލައިފިމީހާ هدى ދިނުން واجبވާނެއެވެ. حيضވެރިޔާއާއި نفاسވެރިޔާ طواف الوداع ކުރުމެއް ނޯންނާނެއެވެ. އެދެމީހުން حيض نفاسކަމުން طاهر ވެއްޖައުމަށްދާނދެން مكةގައި ތިބުންވެސް لازمއެއްނޫނެވެ. އެހެނީ، އެމީހުން طواف الوداعނުކޮށް ފުރައިގެން ދިއުން ހުއްދައެވެ. އެދެމީހުން هدىދޭކަށްވެސް ނުޖެހޭނެއެވެ.

طواف الوداعކުރާނީ، مكةއިންފުރުމަށް ހުރިހާކަމެއް ތައްޔާރުކުރުމަށްފަހު، އެންމެފަހުވަގުތުގައެވެ. طواف الوداع ކުރުމަށްފަހު، އިތުރުކަމެއްކުރުމަށް مكةގައިނުހުރެ ފުރައިގެން ދާނީއެވެ. މިطوافގައިވެސް عملކުރާނީ طواف الإفاضةގައި عملކުރިފަދައިންނެވެ. ނަމަވެސް މި طواف އަށްފަހު سعىކުރުމެއް ނޯންނާނެއެވެ.

Hajj Packages