ޙައްޖާއި ޢުމްރާ


إحرام ބަނދެގެންހުރެ ކުރުން حرام ކަންތައް

  1. ގައިގެ އެއްވެސްތަނެއްގެ އިސްތަށިބޭލުމާއި އުފުރުން.
  2. ނިޔަފަތިކެނޑުން.
  3. ފިރިހެނުން ބޯނިވާކުރުން.
  4. ފިރިހެނުން ފަހާފައިހުންނަ ނުވަތަ ހަށިގަނޑު ވަށާލެވޭގޮތަށް ވިޔެފައިހުންނަ ފޭރާންލުން.
  5. މީރުވަސްދުވާ ސެންޓް، ލޯޝަން، ކޯލާވާޓަރ،ސައިބޯނިފަދަ ތަކެތީގެ ބޭނުންކުރުން.
  6. އަންހެނުން މޫނާއި ދެއަތްތިލަ ނިވާކުރުން.
  7. މަސްކެއުން حلال އެއްގަމުތަކެތި ޝިކާރަކުރުން، ނުވަތަ އެކަމުގައި އެހީތެރިވެދިނުން.
  8. އެއްދާންކުރުމާއި، އެއްދާންކުރުން ނޫންގޮތެއްގައި އެދުންވެރިކަމުގެ ގޮތުން ދެމަފިރިން ބީހުންފަދަ ކަންތައްކުރުން.
  9. ކައިވެނި عقد ކުރުމާއި އެހެންމީހެއްގެ ކައިވެނި عقد ކޮށްދިނުން.
  10. ބޮލުގެ އިސްތަށިގަނޑުގައި ނުވަތަ ތުނބުޅީގައި ތެޔޮލުން.
  11. ދީނުގައި حرام ވެގެންވާ އެއްވެސްކަމެއްކުރުން.
  12. އަޑުގަދަކުރުމާއި، ޒުވާބުކުރުމާއި، އަރާރުންވުން.
  13. އެކުވެރިންނާއި، ގެންގުޅޭމީހުންނާއި، ދެންވެސް ތިމާގެ މުސްލިމު أخ ންނާ ރުޅިވެ ދެކޮޅުވެރިވެ ވާހަކަނުދައްކާހުރުން.

إحرام ބަނދެގެންހުރެ ކުރުން حرام ކަމެއްކުރެވިއްޖެނަމަ عمل ކުރަންވީގޮތް

  1. ފުރަތަމަ تحلل ގެކުރިން جماع ވެއްޖެނަމަ، ވަގުތުން އެމީހާގެ حج فاسدވީއެވެ. އޭނާގެމައްޗަށް ވާޖިބުވެގެންވަނީ ވިދިގެންއަންނަ އަހަހަރު އެ حج قضاء ކުރުމެވެ. އަދި جماع ވުމުގެ كفارة ދިނުމެވެ. އެއީ أضحية އަކަށް ކަމުދާފަދަ جمل އެއްކަތިލުމެވެ. އެފަދަ جملއެއް ނުލިބިއްޖެނަމަ، أضحية އަކަށް ކަމުދާފަދަ ގެރިއެއްކަތިލުމެވެ. އެފަދަ ގެރިއެއްވެސްނުލިބިއްޖެނަމަ، أضحية އަކަށް ކަމުދާފަދަ ހަތްބަކަރި ކަތިލުމެވެ. އެކަމަށްވެސް ނުކުޅެދިއްޖެނަމަ، أضحية އަކަށް ކަމުދާފަދަ جملއެއް އެވަގުތު مكة އިން ލިބެންހުރިއަގެއްބަލައި، އެއަގަށް ކާބޯތަކެތިގަނެ مكةގެ ފަގީރުންނާއި މިސްކީނުންނަށް ކާންދޭނީއެވެ. ކާންދޭނީ فطر زكاة ނެރުން ހުއްދަތަކެތިންނެވެ. މިކަމަށްވެސް ނުކުޅެދިއްޖެނަމަ، އެފަދަ جمل އެއްލިބޭއަގު مُدُّ ގެމަގުންބަލައި، ކޮންމެ مُدُّ އަކަށް ދުވަހެއްގެމަތިން ރޯދަހިފާނީއެވެ.
  2. ފުރަތަމަ تحللއަށްފަހު ދެވަނަ تحللގެކުރިން جماع ވެއްޖެނަމަ، ނުވަތަ އެދުންވެރިކަމާއެކު އަނބިމީހާގައިގާ ބީހުންފަދަކަމެއްކޮށްފިނަމަ، أضحية އަކަށް ކަމުދާފަދަ ބަކަރިއެއްކަތިލުމާއި، ހަމިސްކީނުންނަށް ކާންދިނުމާއި، ތިންދުވަހު ރޯދަހިފުމާއި، މިތިންކަމުންކުރެ ކޮންމެވެސްއެއްކަމެއްކުރާނީއެވެ.
  3. ضرورة އަކާނުލައި ބޯބޭލުމާއި، ބޯކުރުކުރުމާއި، ގަސްދުގައި މަދުވެގެން ތިންއިސްތަށި ގައިގެ އެއްވެސްތަނަކުން ކަނޑައި ލުއްސައި ހެދުމާއި، ضرورة އަކާނުލައި ފަހާފައިހުރި ފޭރާމާއި ހަށިގަނޑު ވަށާލެވޭގޮތަށް ވިޔެފައިހުރި ފޭރާންލުމާއި، ބޮލުގެ އިސްތަށިގަނޑުގައި ނުވަތަ ތުނބުޅީގައި ތެޔޮލުމާއި، މިއިންކަމެއްކޮށްފިމީހެއްގެމައްޗަށް ލާޒިމުވެގެންވަނީ ދެވަނަ ނަންބަރުގައި ބަޔާންވެގެންވާ ތިންކަމުންކުރެ ކޮންމެވެސް އެއްކަމެއްކުރުމެވެ.
  4. މަސްކެއުން حلال އެއްގަމުޝިކާރައެއް ކަތިލައި، ނުވަތަ މަރާލައި، ނުވަތަ ހިފައި ނުވަތަ ޝިކާރަކުރާމީހަކަށް އެއެއްޗެއް ދެއްކުމުން، އެއެއްޗެއް ޝިކާރަކޮށްފިނަމަ، އެފަދައެއްޗެއް فدية ގެގޮތުން ދިނުން ލާޒިމުވާނެއެވެ.

Hajj Packages