ޙައްޖާއި ޢުމްރާ


عمرة ވާނެގޮތް

عمرة ވުމަށްއެދޭމީހާ ހިނައިގަނެ، طاهرވުމަށްފަހު، ހަށިގަނޑާއި ތުނބުޅީގައި ހުވަނދުލައި إحرام ބަނުމުގެހެދުންލާނީއެވެ. އެއީ ހުދުކުލައިގެ ދެފޮށާކަމުގައިވުން އެދެވިގެންވެއެވެ. ފައިވާނަކަށް ބޭނުންކުރާނީ، ތަނބިކަށިނިވާނުވާގޮތަށްހުންނަ ފައިވާނެވެ.

إحرام ބަނުމަށްޓަކައި ހިނައިގަތުމަކީ، އަންހެނުންނަށާއި ފިރިހެނުންގެމައްޗަށްވެސް ސުންނަތްވެގެންވާ ކަމެކެވެ. ހިނައިގަތުމަށްފަހު ގައިގާލާހުވަނދުގެއަސަރު ގައިގާހުއްޓަސް އަދި އެއަސަރު إحرام ހެދުމަށްފޯރިއަސް މައްސަލައެއްނެތެވެ.

އަންހެނަކުނަމަ ވަކި ކުލައެއްގެހެދުމެއްލާކަށް ނުޖެހެއެވެ. ކައިވަނިހެޔޮވާ ފިރިހެނުންނަށް ނިވާވުމަށްޓަކައިމެނުވީ إحرام ބަނދެގެންހުންނަ އަންހެނާ މޫނުނިވާކުރުމާއި، އަތުއުރަފަދައެއްޗަކުން ދެއަތްތިލަނިވާކުރުން حرام ވާނެއެވެ. إحرام ބަނދެގެންހުންނަ ފިރިހެނާ ބޯނިވާކުރުންވެސް حرام ވާނެއެވެ.

إحرام ބަނުމުގެކުރިން حيض ވެރިޔާއާއި نفاس ވެރިޔާނޫން އެންމެން إحرام ގެ ސުންނަތް ދެ ركعة ކުރަންވާނެއެވެ. މިކަމަށް خاص ނަމާދެއް ނުކުރިޔަސް فرضނަމާދެއްވެސް إحرام ގެ ސުންނަތުގެގޮތުގައި ފުދޭނެއެވެ. إحرام ގެ ސުންނަތުގެ ދެ ركعة ކުރާއިރު ރޭގަނޑުގެ ވަގުތެއްގައިނަމަވެސް الحمد އާއި ސޫރަތްކިޔަވާނީ ސިއްރުންނެވެ. މިދެ ركعة ކުރުމާވިދިގެން إحرام ބަނުން، (އެބަހީ: إحرام ގެ ނިޔަތްގަތުން) އެއީ: لَبَّيْكَ عُمْرَةً ނުވަތަ اللَّهُمَّ لَبَّيْكَ عُمْرَةً މިހެންކިޔައި الله އަށްޓަކައި عمرة ވުމަށް ނިޔަތްގަތީމޭ ހިތަށް އެރުވުމެވެ.

Hajj Packages